SYNOPSIS

ދުވަސްވީ ލޯބިވެރިޔާ ރިޒޫއާ ވަކިވުމަށްފަހު ޒިޔާ މުނާއާ ކައިވެނި ކުރަނީ މަޖުބޫރު ވެގެންނެވެ. މުނާއާ ކައިވެނި ކުރުމަށް ފަހު ފިރިއެއްގެ ވާޖިބު އަދާ ކުރުމަށްޓަކާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޒިޔާ ކުރަމުން ދިއައެވެ. ރަށު ސްކޫލުގެ ޒިންމާދާރު ވަޒީފާއަދާ ކުރަމުންދާ ޒިޔާގެ ދިރިއުޅުމުގެ ހަގީގަތް ވަނީ އެންމެނަށް ސިއްރު ކުރެވިފައެވެ. އަނބިމީހާގެ ނުފޫޒުގެ ދަށުވެ އަނބިދަށުވެފައިވާކަން އެއީ އެއްވެސް ފިރިހެނަކު ހާމަކުރަން ބޭނުންވާ ހަގީގަތެއް ނޫނެވެ. ޒިޔާ ވަނީ އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައެވެ. މި ހުރިހާ ކަމަކަށް ޒިޔާ ކެތްކުރަމުން ދިއައީ ލޯބިވާ ދަރިފުޅު މާނީއަށްޓަކައެވެ.
ޒިޔާގެ ކުރީގެ ލޯބިވެރިޔާ ރިޒޫއާ ޒިޔާ ބައްދަލު ވަނީ ޒިޔާ އޭނާއާ ވަކިވިތާ 8 އަހަރު ފަހުންނެވެ. އެ ދެ ލޯބިވެރީން އެކީ ދުވަސްތައް ހޭދަކުރި އެ ފަސްގަޑަށް ރިޒޫ ވަޒީފާ ބަދަލުކޮށްލަނީ ޒިޔާގެ ހަނދާންތަކާ ދުރަށް ނުދެވިގެންނެވެ. ރިޒޫއަށް ވަޒިފާ ލިބުނު އެ ސްކޫލުގެ ޕްރިންސިޕަލް އެއްގެ ވަޒީފާގައި ހުރި ޒިޔާއާ ރިޒޫ ބައްދަލު ވުން އެއީ އިއްތިފާގެކެވެ. ކުރިއެކޭ އެއްގޮތަށް އަދިވެސް ޒިޔާދެކެ އިންތިހާއަށް ލޯބިވާ ރިޒޫއަށް ތަކުރާރުކޮށް ޒިޔާ ބުނެދެމުން ދިއައީ، ވަފާތެރި ފިރިއެއްގެ ގޮތުގައި އަދި ދަރިފުޅު ދެކެ ލޯބިވާ އަމާނާތްތެރި ބަފައެއްގެ ގޮތުގައި އޭނާ ދެމި ހުންނަން ބޭނުން ވާކަމެވެ.
އެހެން ނަމަވެސް ޒިޔާ ވަމުންދިއަ މި އަގުބޮޑު ގުރުބާނީގެ ބަދަލު ޒިޔާއަށް ލިބިގެން ދިއައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.
ޒިޔާއަށްވެސް ސިއްރު ވެފައިވާ ޒިޔާގެ ދިރިއުޅުމުގެ ހަގީގަތް ހާމަވި ހިނދު، ޒިޔާގެ އިތުރުން މުޅި ދުނިޔެވެސް ސިއްސުވާލިއެވެ.
ތާއަބަދު އިވޭ އަޑަކީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަން ޖެހޭ ވާހަކައެވެ، ފިރިހެނުންގެ ހައްގުތަކާ މެދު އަޑު އުފުލަން ކެރޭނެ ފިރިހެނަކުވެސް މި ދުނިޔޭގަ ނެތެވެ.!